ހެޔޮ ޢަމަލަކީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން މާތްކަލާނގެ ކިބައަށް ހިތްނިޔަތް ޚާލިޞްކޮށްގެން ކުރެވޭ ޢަމަލެވެ. ޝައިޚުލްއިސްލާމް ވިދާޅުވެފައިވެއެވެ. [އަޅުކަމަކީ ސިއްރާއި ފާޅުގެ ބުނުންތަކާއި ޢަމަލުތަކުގެ ތެރެއިން މާތްކަލާނގެ ލޯބިވެވޮޑިގަންނަވާ ރުހިވޮޑިގަންނަވާ ހުރިހާ ކަމަކަށް އެއްކޮށް ބޭނުންކުރެވޭ ނަމެވެ.] އެއީ ވަރަށް ގިނަ ވައްތަރުތެކެކެވެ. ގުނާ ޢަދަދު ނުކުރެވޭނޭ ތާނގައި ޚުލާޞާކޮށްލުމަކީ ވެސް ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަންކަމުގެތެރެއިން ބައެއް އަހަރެމެން ގެނެސްދޭނަމެެވެ.
1. ﷲ އަށް އީމާންވުން: މިކަމުގައި ހިމެނިގެންވަނީ ﷲ އަށާއި އެކަލާނގެ މަލާއިކަތންނަށާއި ބާވާލެއްވި ފޮތްތަކަށާއި އެންމެހާ ރަސޫލުބޭކަލުންނަށާއި އާޚިރަތްދުވަހަށާއި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.
2. ނަމާދު އެ ނަމާދެއްގެ ވަގުތުގައި އަދާކުރުން: ނަމާދު ދޫކޮށްލާ މީހާއީ ނުބައި ނުލަފާ ފާސިޤެއް ކަމުގައި މުޅި އުންމަތް ވަނީ އެއްބަސްވެފައެވެ. އަދި ނަމާދު ނުކުރުމަކީ ކާފަރުވާނޭ ކަމެއް ކަމުގައި ވެސް ކިތަންމެ ޢިލްމުވެރިންނެއް ވިދާޅުވެފައިވެއެވެ.
3. ރަމްޟާންމަހުގެ ރޯދަހިފުން: ރޯދަވެރިންނަށް ޚާއްސަ ދޮރުކޮޅެއް ސުވަރުގޭގައި ވާ ކަމުގެ އުފާވެރި ޚަބަރު އަހަރެމެންގެ މާތް ނަބިއްޔާ ދެއްވާފައިވެއެވެ.
4. ޒަކާތްދިނުން: ޒަކާތުގައިވަނީ ފިޠުރު ޒަކާތާއި މުދަލު ޒަކާތެވެ. މާތް ﷲ އަންގަވާފައިވަނީ އެކަލާނގެ ދެއްވި މުދަލުން ޒަކާތް ނެރުމަށެވެ.
5. މަބްރޫރު ޙައްޖު: މަބްރޫރު ހައްޖެއްގައި ހިމެނެނީ މައިގަނޑު ފަސް ޝަރުތެކެވެ.
ހ. ޙަލާލު މުދަލުން ޚަރަދުކޮށްގެން ކުރާ ޙަައްޖަކަށް ވުން.
ށ. ނުބައި ފާފަތަކާއި ޒުވާބުކުރުން ފަދަ ކަންކަމުން ދުރުވެގެން ހުރެ ކުރާ ޙައްޖަކަށް ވުން.
ނ. މާތް ނަބިއްޔާގެ ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ޙައްޖަކަށް ވުން.
ރ. ދެއްކުންތެރިކަމެއް ނެތި މާތްކަލާނގެ ކިބައަށް ޚާލިޞްކޮށްގެން ކުރާ ޙައްޖަކަށް ވުން.
ބ. ޙައްޖުގެ ފަހުގައިވެސް ފާފަތަކުން ރައްކާތެރިވެގެން ހުރުން.
6. ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން: އެމީހަކަށް ކުޅަދާނަ ވީ މިންވަރަކުން ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރަން ޖެހޭނެއެވެ. ހެޔޮ ކަންކަމަށް އަމުރު ނުކުރުމާއި ނުބައި ކަންކަން ނަހީ ނުކުރުމަކީ މާތްކަލާނގެ ލަޢުނަތް ޙައްޤުވުމުގެ ސަބެބެކެވެ.
7. މައިބަފައިންނަށް ހެޔޮކޮށްހިތުން: އެއީ ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި މައިބަފައިންނަށް ކިޔަމަންތެރިވުމެވެ. އެދެމީހުންގެ ގާތުގައި އަޑު އުފުލާ ނުއުޅުމެވެ. އަދި ހަޑި ވާހަކަތައް ދައްކާ އެ ދެމީހުންނަށް އުނދަގޫ ނުކުރުމެވެ. އަދި އެ ދެމީހުންނަށް ހޭދަކުރުމާއި ޚިދުމަތްކުރުމެވެ.
-ނުނިމޭ-
gada kaley saabahey roohey, kuriah -lamey-
sunnnathaaa eggothah hajj kuranyaa eh faharu dho hajjah dhaan jeheynee?